ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ބީއެމްއެލްއިން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކޭތޯ ބަލަނީ

ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން އޭސިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ އިންވެސްޓަރުންނަށް މި ސްކޫކް ވިއްކުމަށް އެހީވަމުން އަންނަނީ ދުބާއީގެ މަސްރިގު ބޭންކުން

މެއި 6, 2026 - 11:23
 0
ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ބީއެމްއެލްއިން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކޭތޯ ބަލަނީ

ޑޮލަރުގެ ތާށިކަން ހައްލުކޮށް ޓޫރިޒަމް ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ އިންވެސްޓަރުންނާ މަޝްވަރާކުރަން ފަށައިފި އެވެ.

އިގްތިސާދާއި ވިޔަފާރީގެ ހަބަރުތައް ގެެނެސް ދޭ ބައިނައަގުވާމީ ނޫސް، 'ބްލޫމްބާގް' އަށް ދެއްވި އިންޓަވިއުއެއްގައި ބީއެމްއެލްގެ ޑިރެކްޓަރ ފޯ ފައިނޭންޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން، އަބްދުﷲ ހަސަން ވިދާޅުވެފައި ވަނީ، ޑޮލަރު ސުކޫކެއް ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކުމަށް އޭސިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ފަންޑު މެނޭޖަރުންނާ ބައްދަލުކޮށް، މާކެޓުގެ ސައުގުވެރިކަން ހުރި މިންވަރު ބަލަމުން އަންނަކަމަށާއި، ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން ވިއްކަން މަސްވަރާކުރަމުން އަންނަ މި ސްކޫކަކީ 300 މިލިއަން ޑޮލަރާ ހަމައަށް ފައިސާ ހޯދަން ވިއްކާ ސްކޫކެއް ކަމަށެވެ.

އިންވެސްޓަރުންނާއެކު ބާއްވާ މި ބައްދަލުވުންތައް އިންތިޒާމުކުރުމުގައި އެހީތެރިވަމުން އަންނަނީ ދުބާއީގެ މަސްރިގު ބޭންކުން ކަމަށް ވެސް ބްލޫމްބާގުން ބުންޏެވެ.

އެމެރިކާއާއި އިޒުރޭލުން އިރާނަށް ހަމަލަދީ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ގައުމުތަކުގެ އިގްތިސޯދު ހީނަރުވަމުންދާ މައްސަލައާއި ގުޅިގެން މޫޑީސް ރޭޓިންސްގެ އެނަލިސްޓް މާކަސް ޔިއު ބްލޫމްބާގަށް ވިދާޅުވީ ދަތުރުފަތުރަށް އަންނަ ހުރަސްތަކާއި ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން އިގުތިސާދީ ދުވެލި މަޑުޖެހުމުގެ އިތުރުން ޓޫރިޒަމުން ލިބޭ އާމްދަނީ ދަށްވެ އިމްޕޯޓަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުން، ރާއްޖޭގެ 'ބެލެންސް އޮފް ޕޭމަންޓްސް' އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ބޭރު ފައިސާގެ ލިކުއިޑިޓީއަށް އަސަރުކޮށް ރިޒާވް ދަށްވުމުގެ ބިރު ވަރަށްބޮޑަށް އެބައޮތް ކަމަށެވެ.

ބީއެމްއެލް އިން ސުކޫކު ވިއްކައިގެން ހޯދަން އުޅޭ ފައިސާއަކީ ސީދާ ޓޫރިޒަމް ސިނާއަތަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ހޯދާ ފައިސާއަކަށް ނުވި ނަމަވެސް، އަބްދުﷲ ހަސަން ވިދާޅުވީ މިއީ އިގުތިސާދުގެ ތެރޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށްދޭނެ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކޮށް ނިމި އާ ޓާމިނަލް ހުޅުވުމަށް ފަހު އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދިނުުގެ އަމާޒުގައި އާ ރިސޯޓުތައް ތަރައްގީކުރަން ސަރުކާރުން އިތުރު 30 ރަށެއް ދޫކޮށްފައިވާކަން ހަސަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މި ސްކޫކަކީ ބޭރު ފައިސާގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާނެ ކަންކަމަށް ވާއިރު ޑޮލަރުން ފަންޑިން ހޯދިއްޖެނަމަ މުޅި އިގުތިސާދަށް އޭގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.


"މުޅި އިގުތިސާދަށް މި ލިކުއިޑިޓީގެ ފައިދާ ކުރާނެ. މިއީ ނުސީދާ ގޮތެއްގައި މި މައްސަލައަށް ލިބޭނެ ހައްލެއް،" އަބްދުﷲ

ބައިނަލްއަގުވާމީ މާލީ ބާޒާރަށް ބީއެމްއެލްއިން ނުކުންނަން މަސައްކަތް ކުރާއިރު، މޫޑީސްގެ އެނަލިސްޓް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރަށް ސީދާ ބައިނަލްއަގުވާމީ މާކެޓުން ފައިސާ ހޯދުމަށް މިވަގުތު ހުރަސްތަކެއް އެބަހުރިކަމަށާއި،  އިންވެސްޓަރުން ޝައުގުވެރިކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ޕްރީމިއަމް އެއްގައި ސްކޫކް ވިއްކަން ޖެހޭނެކަމަށެވެ.

މީގެ ކުރިން 2024 ވަނަ އަހަރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހު، ސަރުކާރުން އަންނަނީ ރިޒާވް ރަނގަޅުކުރުމަށް އިސް ނަގައިގެން މަސައްކަތްތަކެއް ކުރަމުންނެވެ.

މިދިޔަ މަހު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ރީފައިނޭންސް ކުރުމުގެ ބަދަލުގައި ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން ސްކޫކް އަނބުރާ ދައްކާފަ އެވެ. ބޭރު ފައިސާގެ ތާށިކަން އާދަޔާއި ހިލާފަށް ކުރިމަތިވެގެން އުޅެނީ އެއަށް ފަހުކަމަށް މާހިރުން ފާހަގަ ކުރެއެވެ.