ހަބަރުތައް ގެނެސްދީފައިވަނީ އެޗްއާރުސީއެމްގެ ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ނުބަލައި ކަމަށް ފުލުހުން ބުނެފި

ފުލުހުން ބުނީ މީޑިއާއިން އެޗުއާރުސީއެމްގެ ރިޕޯޓުގެ ހަބަރު ގެނެސްދިން ގޮތް ގޯސް ކަމަށް

މެއި 6, 2026 - 12:01
 0
ހަބަރުތައް ގެނެސްދީފައިވަނީ އެޗްއާރުސީއެމްގެ ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ނުބަލައި ކަމަށް ފުލުހުން ބުނެފި

ޖަލުގެ ހާލަތު ބެލުމަށް ފަހު އެޗްއާރުސީއެމުން ނެރުނު ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދީފައިވަނީ އޭގެ މާނަ އޮޅޭ ގޮތަށް ކަމަށް ފުލުހުން ބުނެފި އެވެ.

ބައިނަލްއަގްވާމީ އެންޓި-ޓޯޗާ (ލާއިންސާނީ އަނިޔާ) މުއާހަދާގެ ދަށުން އެޗްއާރުސީއެމުން ކޮންމެ އަހަރަކު ވެސް ޖަލުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ބަލައި، 'ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް'އާ ގުޅޭގޮތުން ރިޕޯޓެއް ނެރެ އެވެ.

މިދިޔަ އަހަރުގެ މި ރިޕޯޓުގައި ޖަލުގެ އޮފިސަރުންނަށް ނުކިޔަމަންތެރިކަން ދައްކާ ގައިދީންނަށް ފިޔަވަޅުއެޅުމުގެ ގޮތުން އެ ގައިދީންގެ އަތާއި ފައިގައި ބިޑި އެޅުވުމަށް ފަހު، ވަރަށް ހޫނުވާ ސަރަހައްދެއްގައި އެކަހެރި ކޮށްފައި ބައިތިއްބާ ކަމަށާއި، ފުލުހުންގެ ބަންދުގައި ތިބޭ މީހުން ތިބޭ ދޫނިދޫ ޖަލުގައި އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ގައިދީން ބިޑި އަޅުވައި، އެހެން މީހުންނާ ވަކިން، ޖަލުގޮޅިން ބޭރުގައި ބައިތިއްބާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައިވަނީ ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބަސްމަގާއި މާނަކޮށްފައިވާ ގޮތުން ކަންބޮޑުވާ ކަމަށާއި ހަބަރުތައް ގެނެސްދީފައިވަނީ، ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއްނެތި ކަމަށެވެ. މީގެ އިތުރުން މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ކަމަށެވެ.


"އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަށް ވާސިލުވެ، ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ،" ފުލުހުން

އެ ބަޔާނުގައި ވަނީ މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމާއި ދެފުށްފެންނަ ގޮތަށް ކަންކަން ހިންގުމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި މިނިވަން މުއައްސަސާތަކުން އަދާކުރާ ދައުރު އެތަނުން ބަލައިގަންނަ ކަމަށެވެ.  ހާއްސަކޮށް، އިންސާނިއްޔަތާއި ހިލާފު އަދަބު ދޭތޯ ބެލުމަށް ހިންގާ މޮނިޓަރިންގެ މަސައްކަތްތައް ފާހަގަކުރާ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ބުނެފައިވަނީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫން ކަމަށައި، އޭގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުސާދުތަކަކާއި ލަފާތަކެއް ކަމަށާއި އަދި އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫން ކަމަށެވެ.